ޚަބަރު
އިންޑިއާއަށް ދޭންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން ދައްކާފައިވާ ކަމަށެވެ. އަދި އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެންވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައިވަނީ އަލަށް ދޫކުރަން ނިންމި ކަރަންސީ ސްވޮޕްގައި ބޮޑެތި ލުއިތަކެއް ހިމެނޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި 30 ބިލިއަން ރުޕީސްގެ މި އެހީގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ވަރުގަދަވެގެންދާނެއެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް މިއީ މުހިންމު އެހީއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު