ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިއްޔެ އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ޕީސީބީގެ ރައީސް އަނަސް އަށް ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާ ކުރުމަށް މިނިސްޓަރު ޒަމީރު ބާރު އެޅުއްވި އެވެ. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ސިޓީގައި ބަޔާން ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފަ އެވެ،" އެ މިނިސްޓްރީގެ ލިޔުމުގައި ވެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް ޕީސީބީއަށް އަންގައިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެ އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.ފިނޭންސް މިނިސްޓްރީން ބުނީ އެ ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރި ކަންތައްތަކެއް ކަމަށެވެ.މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ގިނަ އަދަދެއްގެ ގައުމުތަކުން ހަރަދު ކުޑަ ކުރުމަށް ބޮޑެތި ފިޔަވަޅުތައް އަޅައިފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާ ގަޑިތައް މަދުކުރުމާއި، އެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމާއި ސްކޫލްތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.