ޚަބަރު
ރޭޓިން މައްޗަށް ދިއުމުން އިންވެސްޓްތައް ލިބި އިގުތިސޯދު ރަނގަޅުވާނެ: މުންދު
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން މަތިކުރުމުން ރާއްޖެއަށް އިތުރު އިންވެސްޓްމެންޓްތައް ލިބި ރާއްޖޭގެ އިގްތިސާދު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ ތިންވަނަ ދުވަހެވެ.

ފިޗުން އިއުލާންކުރި ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް' އަށް ބަދަލުކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން 'ސީސީ' ރޭޓިންގައި އޮތުމަށްފަހު ލިބުނު ކުރިއެރުމެކެވެ. ފިޗުން ކުރިން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ވަކިން ޚާއްސަކޮށް 524.68 މިލިއަން ޑޮލަރުގެ ސުކޫކު ފައިސާ ނުދެއްކިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ޚަލާސް ކޮށްފައި ވާތީ ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކުޑަވެފައިވާ ކަމަށް ފިޗުން ބުނެއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ރޭޓިން ރަނގަޅުވުމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާމެދު ދެކޭގޮތް ރަނގަޅުވެގެން ދިއުން ކަމަށެވެ.

މުންދު ވިދާޅުވީ ފިޗުގެ ރޭޓިންއާ ގުޅޭ ގޮތުން ސަރުކާރުން މާ ބޮޑަށް އުފާފާޅު ނުކުރާ ކަމަށެވެ. އަދި ފިޗުގެ ރޭޓިން ދަށްވާން ފެށީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ނޫނެވެ.

އެގޮތުން އޭރު އޮތް ސަރުކާރުން ކުރި މަސައްކަތުން ކޮވިޑުން އަރައިގަތުމަށް ގިނަ އަދަދެއްގެ މާލީ އެހީ ރާއްޖެއަށް ލިބުނުކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި، ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނެގުމުންނެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ފިޗު އެކަންޏެއް ނޫން، އަދި މުޅި ޖުމްލަ ގޮތެއްގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ އެކު ވެސް ކުރި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ތަކުރާރުކޮށް އަޅުގަނޑުމެން އާދޭސް ވެސް ކުރިން ޗާޕު ނުކުރާށޭ، ޗާޕު ކުރުން. ވަރަށް ބައިވަރު ކުރި،" ތަރުޖަމާނު ވިދާޅުވި އެވެ.

"އަދި އެންމެ ފަހު ވަގުތުގައި ވެސް ހަމަ ދަރަނި އިތުރަށް ނަންގަވަމުން ގެންދެވީ [ލޯނުތައް]. އެ ނެންގެވީމަ އަޅުގަނޑުމެން މި ދިޔައީ 'ސެޗުރޭޝަން' ޕޮއިންޓަކަށް، ގާތްގަނޑަކަށް %130 އަޅުގަނޑުމެންގެ ޖީޑީޕީގެ. އެއީ ނުރައްކާތެރި އަދަދެއް."

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު