މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލުގެ އިންތިހާބުގައި ހިމެނޭ ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. 
ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ހިމެނޭ ގޮތަށް އެ އިންތިހާބުގެ ނަތީޖާއަކީ:- އެމްޑީޕީގެ ކެންޑިޑޭޓް އަހުސަނަށް 121 ވޯޓު
- ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް 119 ވޯޓު
އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. ހައި ކޯޓު ހުކުމްގައި އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށް ކަނޑައެޅުމުން އިންތިހާބުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ. އެހެންވެ، އެ ހުކުމް އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޗާޕްކުރާ ވޯޓު ކަރުދާސްތަކުގައި ހުންނަ ދެލި ނުވަތަ ކުނޑިތަކަކީ އެއްކޮށް ނައްތާލުން މުސްތަހީލް ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނާއި ޕްރިންޓްކުރާ ފަރާތުން ބުނެފައިވާ ކަމަށާއި އަދި އެފަދަ ތިކި ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލް ކުރަން ވެއްޖެނަމަ، އެއީ ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ބާތިލް ކުރަން ހުޅެވޭ ދޮރެއް ކަމަށް އެ ހުކުމުގައިވެ އެވެ "މިއީ މުޅި އިންތިހާބީ ނިޒާމް ބައްޓަން ކުރުމުގައި އިއާދަ ނުކުރެވޭނެ ގެއްލުމާއި ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވި އެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލްކުރީ ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ.
މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.