ޚަބަރު
ރަސްމާލެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އަލީ ހުސައިން ސުޕްރީމް ކޯޓުގައި: --
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.

މައްސަލަ ބަލައި ނުގަންނަން ނިންމަވާ ރަޖިސްޓްރާގެ މި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އަލީ ހުސައިން މައްސަލަ ހުށަހެޅުއްވުމަށް ފަހު، ނެރުއްވި ބަޔާނުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކުރައްވާފައިވަނީ ރަސްމާލޭން 500 ހެކްޓަރުގެ ބިން ދޫކުރަނީ އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެ ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އެ ކުންފުންޏަށް ލިބޭ ގޮތަށް ކަމަށެވެ.

އަލީ ހުސައިންގެ ބަޔާނުގައި ވިދާޅުވީ، ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ އެއްވެސް މުދަލެއް ނުވަތަ ރައުސްމާލެއް ބަދަލުކުރުން، ވިއްކުން، ކުއްޔަށް ދިނުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދޫކޮށްލަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރަސްމާލެ މަޝްރޫއުއަށް އިދިކޮޅުން ދެކޮޅު ހަދަމުންދާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އަދި މި އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު