ހުނައިދާ ޔާސިރު
26 ސެޕްޓެމްބަރ 2026 - 11:44
0 comments
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި މިހާރު ހިނގަމުންދާ ސުޕްރީމް ކޯޓަށް ހާއްސަ އާ އިމާރާތެއް އެޅުމަށް މާލޭން ބިމެއް ހަމަޖައްސައިފި އެވެ. 
ރާއްޖޭގެ އެންމެ މަތީ ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ އެހެން ރާއްޖޭގެ ކޯޓުތަކެކޭ އެއްގޮތަށް ސުޕްރީމް ކޯޓަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.އެހެންވެ އެކަމަށް ހައްލެއް ހޯދަން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓަށް އަމިއްލަވަންތައް ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ މި މަހުގެ ތެރޭގައި މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖެހިފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް އަވަަހަށް ފެށިގެންދާނެކަމުގެ އުންމީދު ވެސް އޮތް ކަމަށެވެ.އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އާ އިމާރާތް ވާނީ އެ ކޯޓުގެ ޤާނޫނީ ދައުރު އަދާކުރެވޭ ވަރުގެ ތަނަކަށް ކަމަށާއި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފަހި މާހައުލެއް ޤާއިމު ކޮށްދެވޭ އަދި ކޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް ރަނގަޅު ފަހި މާހައުލެއް އޮންނާނެ ތަނަކަށް ކަމަށެވެ."މި ބިމަކީ ސުޕްރީމް ކޯޓުގެ މުސްތަގުބަލާ މެދު އަޅުގަނޑުމެން ދެކޭ ތަސައްވުރު ރަމްޒުކޮށްދޭ ބިން. އަޅުގަނޑުމެން ދެކޭ ގޮތުގައި ހުރިހާ ގޮތަކުން ވެސް ސުޕްރީމް ކޯޓު ވާންވާނީ އެ ކޯޓުގެ ގާނޫނީ ދައުރާ އެކަށީގެންވާ ތަނަކަށް،" ޣަނީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އިތުރުން އެހެން ކޯޓުތަކުގައި ވެސް ޖާގައިގެ ދަތިކަން އޮތްއިރު، ހައި ކޯޓާއި މާލޭގެ ސުޕީރިއާ ކޯޓުތައް ހިމެނޭ ގޮތަށް ކޯޓު ކޮމްޕޮލެކްސްއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން ހުޅުމާލޭގައި މިހާރު ދަނީ ކުރަމުންނެވެ.
އޭގެއިތުރުން މި ސަރުކާރުން ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިނގަން ވެސް ހުޅުމާލޭން އިމާރާތެއް ދީފަ އެވެ.