ޚަބަރު
އެޗްޕީއޭގެ ޑީޖީއަކަށް ނިޝާން ހަމަޖައްސައިފި
އެޗްޕީއޭގެ އާ ޑިރެކްޓާ ޖެނެރަލް، އިބްރާހީމް ނިޝާން އިބްރާހީމް -- ފޮޓޯ: ސަން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް، އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހީމް ނިޝާން އަހުމަދު މިއަދު އައްޔަންކުރައްވައިފި އެވެ.

އާއްމު ބަލިތައް ރައްކާތެރިކުރުމާ ގުޅޭ އިދާރާގެ އިސްވެރިޔާގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އިއުލާންކުރި އެވެ.

އެނގިފައިވާ ގޮތުގައި، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްކަމަށް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް، އެންމެ މަތީ މާކުހާ އެކު، އެ މަގާމު ލިބިވަޑައިގެންނެވީ، މިހާތަނަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކަށް ހުންނެވި ނިޝާނެވެ. 

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގުމުގެ އެންމެ އިސް ޒިންމާ އޮންނަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތައް އިއުލާނުކުރުމާއި، އެފަދަ ހާލަތްތަކުގައި އާންމުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވަނީ މި މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު