ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފި
އިސްމާއިލް ރިޒާ
12 އޯގަސްޓް 2025 - 13:15
0 comments
މަދިރި ކޮންޓްރޯލްކުރަން ސިފައިންގެ މީހަކު ރަށެއްގައި ފޮގްކުރަނީ - ފޮޓޯ: ސްމިތު
ޖޫން މަހާ އަޅައިބަލާއިރު ނިމިދިޔަ ޖުލައި މަހު، އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.އެޗްޕީއޭ އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި އެވެ.އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،156 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.އެ އެޖެންސީން އިތުރަށް ބުނީ މިދިޔަ މަހު ޑެންގީ ހުން އެންމެ ގިނައީ އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށެވެ. އަދި ވައިރަލް ހުން އެންމެ ގިނައީ އއ. އަތޮޅާއި ކ. އަތޮޅާއި ލ. އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގެ ބަލި އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގަ އެވެ.ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ޓަކައި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ހަނދާންކޮށްދެ އެވެ.މީގެ އިތުރުން، ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނު ޕެކެޓު (އޯއާރްއެސް)އާއި ފެނާއި ސޫޕާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް ސިއްހީ އިދާރާތުން ލަފާދެ އެވެ.ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންކަން:
- ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން.
- މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
- ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން.
ކިޔުންތެރިންގެ ޝުއޫރު