އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށްފަހު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް ކާމިޔާބު ކުރައްވައިފި އެވެ. 
އާ ދައުރަކަށް މިއަދު ހުވާކުރި މާލެ ކައުންސިލުގެ މެޖޯރަޓީއަކީ، އެމްޑީޕީ އެވެ. ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މި ކައުންސިލުގައި ތިއްބަވަނީ ދެ މެމްަބަރުންނެވެ. ޑެޕިއުޓީ މޭޔަރަކު ހޮވުމަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ، މީކާއިލް އެވެ. އޭގެފަހުން މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ ޖަލްސާގައި ޑެޕިއުޓީގެ މަގާމަށް ނަން ހުށަހަޅަން ފުރުސަތު ދިނުުމުން، ހުށަހަޅާފައިވަނީ މީކާއިލްގެ ނަން އެކަންޏެވެ. ޕީއެންސީގެ ފަރާތުން ނަމެއް ހުށަހަޅާފައެއް ނުވެ އެވެ.މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގޮސްފައިނުވަނީ ވޯޓުގައި ބައެއް މައްސަލަތަކެއް އުޅޭތީ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭޕްރީލް 19 ގައި ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހުގެ 4 ގައި ބޭއްވި އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑި އެވެ. އެއީ ސިޓީ ކައުންސިލްތަކުން ފަސް ގޮނޑި އާއި ރަށު ކައުންސިލްތަކުގެ ރައީސްގެ 75 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 101 ގޮނޑި އަދި އާންމު ގޮނޑީގެ 99 ގޮނޑި އެވެ. އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑި އާއި ސިޓީ ކައުންސިލްގެ 41 ގޮނޑި އާއެކު ޖުމްލަ ލިބުނީ 563 ގޮނޑި އެވެ.