ވިޔަފާރި
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިއޮތީ އަގު ބޮޑުކޮށް: ރައީސް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް- ފޮޓޯ: ޒުވާން މަސްވެރިޔާ ވެބްސައިޓް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ މަސައްކަތާ ނުބައްދަލު ބޮޑު އަގެއްގައިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލްކުރުމުގެ މަސައްކަތް 136.6 އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ކުންފުންޏަށް ހަވާލުކޮށްފައިވަނީ މަސައްކަތާ ނުބައްދަލު އަގެއްގައިކަމަށެވެ.

އަދި ކުރީ ސަރުކާރުން، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިއޮތީ ފަތުރުވެރިކަމުގެ 8،000 އެނދަށް ހިދުމަތްދެވޭ ކެޕޭސިޓީ އެއާޕޯޓުގައި ނުހުންނަ ގޮތަކަށްކަމަށް ރައީސް މައުލޫމާތުދެއްވިއެވެ. އަދި އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ ވިސްނާނުލާ، އެއާޕޯޓުގެ ސްކޭލް ހުންނަންވާވަރަށްވުރެ މާ ކުޑަކޮށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެގުނަ ތިންގުނަ އަގުބޮޑުކޮށް ހަދަމުން ދާއިރުގައި ހަގީގަތުގައި މި ޕްރޮޖެކްޓު ފޯމިއުލޭޓު ވެގެން ފެށިގެން މިދިޔަ ސަރުކާރުގައި އައިއިރުގައި އެ ވަަރަށް ވިސްނައި ނުލައި، ނޫނިއްޔާ ކޮން ވިސްނުމަކުން ކަމެއް ނޭނގޭ އެހައި ސްކޭލް ކުޑަކޮށް އެ މަސައްކަތް ފަށައިފައި އެއޮތީ. އަޅުގަނޑުގެ ސިޔާސަތެއް ނޫން، އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތެއް ނޫން އެހާ ސްކޭލް ދަށްކޮށް އެކަން ކުރުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ މިހާރު ތަރައްގީކޮށްފައި އޮތް 2.46 ކިލޯމީޓަރުގެ އާ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރަން ކަމަށެވެ. އަދި އެ ކަން ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މަޝްރޫއުތަކަށް ފަންޑު ހޯދުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކުރެއްވުމުގެ އިތުރުން ވެސް، މިދިޔަ ސަރުކާރަސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން:

  • މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭން ކޮށްފައި އޮތް ސްކޭލް މާ ކުޑަ ކަމަށް ވިދާޅުވެ، މި ސަރުކާރުން ރަންވޭ އިތުރަށް ދިގުކޮށް، އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވީ..

  • އަދި މިސަރުކާރުން އެ މަޝްރޫއު ކުރިއަސް ގެންދާނީ ކުރީ ސަރުކާރަށް ވުރެ ބާރު ސްޕީޑުގައި ކަމުގެ ޔަގީންކަން ދެއްވި

ހަނިމާދޫ އަކީ، ރާއްޖޭގެ އެންމެ އުތުރު ޒޯނުގައި މި ސަރުކާރުން އިގްތިސޯދީ ހަބުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ އެއް ބައި ނިންމައި ބޭނުންކުރަން ފެށީ މިދިޔަ މަހު އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މިހާރު ހަދަމުން އަންނަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވަނީ 1،200 މީޓަރެވެ.

މި އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިދީފަ އެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައް ވެސް ޖެއްސޭނެ އެވެ.

މީގެއިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވިފަހުން މިވީ ތިން މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ފެނުނީ ޣައިރުޒިންމާދާރު ގޮތެއްގައި މަސައްކަތްކުރިތަން ކަމަށާއި ކުރިއަށްއޮތްތަނުގައި އެކަން ތަކުރާރުވުމަށް ބޭނުން ނުވާ ކަމަށެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދަވާނެކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހަކަށް ވާންޖެހޭ ކަމަށާއި އެހެން ނޫންނަމަ ތަރައްގީ ފަހަތަށް ޖެހޭލެއް އަވަސް ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު