ޚަބަރު
އައިވީއެފް ފަރުވާއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
އާސަންދައިގެ ހިލޭ އެހީގެ ދަށުން ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް) އަދި އިންޓްރޫޔޫޓްރައިން އިންސިމިނޭޝަން (އައިޔޫއައި) ހަދަން ބޭނުންވާ މީހުން އެކަމަށް އެދެން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.


އައިވީއެފް އަދި އައިޔޫއައި ހެދުމަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ފުރުސަތު ހުޅުވާލީ މި އަހަރުގެ މާޗް މަހު އެވެ. އޭރު ފުރުސަތު ހުޅުވާލީ މެއި 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށެވެ.

އެންސްޕާ އިން ރޭ ކުރި އިއުލާނެއްގައި ބުނީ އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި ޖުލައި 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އާސަންދަ އިން އެހީ ހޯދައިގެން އައިވީއެފް ހެދުމަށް ބޭނުންވާ މީހުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކެއް ހިމެނޭ އުސޫލެއް ކުރިން ވަނީ އާންމުކޮށްފަ އެވެ. 

މި އެހީއަށް އެދި ހުށަހަޅާނީ 'އައިވީއެފް ނުވަތަ އައިޔޫއައިގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް' ފުރިހަމަކުރުމަށް ފަހު އައިޖީއެމްއެޗު، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެންސްޕާގެ ކައުންޓަރުތަކަށެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ، އެންސްޕާގެ އީމެއިލް އަށް، ނުވަތަ ވައިބާ މެދުވެރިކޮށް ނަމަ 7291402 އަށެވެ. އާސަންދަ ޑިޖިޓަލް ޕޯޓަލް  މެދުވެރިކޮށް އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ހަފްތާގައި ހުޅުވާލާނެ ކަމަށް ވެސް އެންސްޕާގެ އިއުލާނުގައިވެ އެވެ.

އާސަންދަ އިން އެހީ ދީގެން އައިވީއެފް ހެދުމަށް ފުރުސަތު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު