ވިޔަފާރި
އާސަންދައިން ޔޫއޭއީ އާއި ތައިލެންޑަށް ފަރުވާއަށް ފޮނުވަން ފަށައިފި
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައި ބަލިމީހުން ފޮނުވަން ފަށައިފި އެވެ.

ތައިލެންޑާއި ޔޫއޭ އިން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށް ވާއިރު، އެ ހިދުމަތް މިއަދު ވަނީ ފަށައިފަ އެވެ.

އާސަންދައިން ބުނީ އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ބަލިމީހުން ފޮނުވާނީ ކުރިން ވެސް އޮންނަ ރިފަރަލް ނިޒާމުގެ ދަށުން ކަމަށާއި ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ ވިރަ ކައުންޓަރުތަކާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ތަނުން ބުންޏެވެ. 

"[ޔޫއޭއީއަށް ފޮނުވުމުގައި] ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް [އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް] ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުން ދާ ފަރާތްތަކެވެ،" ޔޫއޭއީ އާއި ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމުން އާސަންދައިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ، މިހާތަނަށް އާސަންދަ އަށް އެމްޕެނަލް ކޮށްފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު، މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.

އާސަންދަ އިން ބުނީ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެން ދިޔަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރާނެ ކަމަށެވެ.

އާސަންދައިގެ ހިދުމަތް މީގެ ކުރިން ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުންނެވެ. މިތަންތަނުން ބޭސްފަރުވާ ކުރަންދާ ދިވެހިންގެ އަތުން އެންމެ ބޮޑު ހަރަދެއް ދަނީ އެކޮމަންޑޭޝަން ހަރަދުތަކަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު