ޚަބަރު
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މަސައްކަތް ނިމުނުކަން ހާމަކޮށްފަ އެވެ.

"މި ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ،" އެ ޕޯސްޓުގައިވެ އެވެ.

އެ ކޮމިޝަންގެ ރިޕޯޓް ރައީސަށް މިއަދު ފޮނުވި ނަމަވެސް އެ ކޮމިޝަންގެ ނިންމުމަކީ ކޮބައިކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025 ގައި ރައީސްގެ ގަރާރަކުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ވެއްޓުނު ވަގުތު އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލެވެ. އެކަމަކު، އޭނާއަށް ވެސް ދައުވާކޮށްފައިވަނީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގައެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ އެ މައްސަލަައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުން އަމާޒުވެފައި ވަނިކޮށެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް ދައުލަތާއި އަމިއްލަ ފަރާތްތަކުގެ އެހީއާ އެކު، މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ. މި މައްސަލައިގައި ޔުމްނުގެ ބަޔާން ނުނެގޭތީވެ މިކަމާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އާއިލާއިން ބުނެފައިވަނީ ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު