ޚަބަރު
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ތަނަށް މީހުން ޖަމާވެފައި. -- ފޮޓޯ: ދަ ހިންދޫ
އެއަރ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއައި ގުޅިގެން ހަމްދަރުދީފާޅުކޮށް، މި އުނދަގޫ ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ ހިތްދަތި ވަގުތެއް ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާއާ އެކުގައި ކަމަށް އެ ޕޯސްޓުގައި ވެއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.

އެއާއިންޑިއާ އޮޕަރޭޓްކުރާ ޓާޓާ ގްރޫޕްގެ ޗެއާމަން އެން ޗަންދްރަސޭކަރަން ނެރުއްވި ބަޔާނެއްގައި މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ މިވަގުތު ހުރިހާ ވިސްނުމެއް ހުސްކޮށްފައިވަނީ ބޯޓުން ދަތުރުކުރި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ކޮށްދެވެހެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި އިންޑިއާގެ އަލިފާން ނިވާ މީހުންނާއި ސިއްހީ ހިދުމަތްތެރިން މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަނާއި ބޯއިންގް ކުންފުނީގެ ޓެކްނީޝަނުން ގުޅިގެން އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ބޯޓު ވެއްޓުނު ތަނުން އަރާ ބޯ ދުމާއި އަލިފާންގަނޑު ދުރަށް ފެނެ އެވެ. އަދި މީހުން ސަލާމްތް ކުރުމަށް މަސައްކަތް ކުރާ މީހުންގެ އެހީއާ އެކު ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރުތައް ވެސް ފެނެ އެވެ.

އެ ބޯޓް ދަތުރުކުރީ އަހްމަދުއާބާދުން ލަންޑަނަށެވެ. އެއީ 12 ވަރަަކަށް ގަޑި އިރުގެ ދަތުރެކެވެ.

އެ ބޯޓު ވެއްޓުނީ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު