ޚަބަރު
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ރައީސަށް އެވޯޑެއް
ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑް ރައީސް މުއިއްޒަށް ރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް އެމަނިކުފާނަށް ރޭ ދެއްވައިފި އެވެ.

ރައީސް މުއިއްޒަށް އެ އެވޯޑު އެރުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމްގެ އެވޯޑު ރައީސް މުއިއްޒާ ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު ވަނީ ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެނެރޭޝަން ބޭންއެއް އިއުލާން ކުރެއްވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ރައީސް މުއިއްޒަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކޮށް، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމަށް ކަމަށެވެ.

ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ އަންނަން އޮތް ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުވާނެ ކަމެއް ކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.

މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.

މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު