ބީއެމްއެލްގެ ތިން ބްރާންޗެއް ބީއެމްއެލް އިސްލާމިކަށް ރީބްރޭންޑްކޮށްފި
އަހުމަދު ނިހާން
22 ޖެނުއަރީ 2025 - 18:28
0 comments
ބީއެމްއެލް އިސްލާމިކް ބްރާންޗެއްގެ ގޮތުގައި ރީބްރޭންޑްކޮށް މިއަދު ހުޅުވި ބްރާންޗެއް.
ތިން ރަށެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި އެވެ.މިއަދަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޚިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ.ބީއެމްއެލްއިން ބުނި ގޮތުގައި، ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ޚިދުމަތް ދެމުން އަންނަނީ ޝާރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.ބީއެމްއެލްއިން ބުނީ، ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ހިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ބްރާންޗުތަކަށް ގެނައި ބަދަލަކީ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް އެ ބްރާންޗްތަކުން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ."މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް. އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ބޭންކުވެސްމެ."ބައެއް ބްރާންޗުތަކަށް އަލަށް ގެނައި ބަދަލުން ދައްކުވައިދެނީ، ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހަމިއްޔަތުކަމެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ޝުއޫރު