ޚަބަރު
ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅޭ 7 މީހަކު ހައްޔަރުކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހައިތަނަށް ހައްޔަރުކުރި ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. 

ފުލުހުން ބުނީ އެ އެންމެން ވެސް ހައްޔަރު ކުރީ އެކި ދުވަސްމަތިން ކަމަށެވެ.  އެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ފާހަގަކުރި އެވެ.

މިދިޔަ ޖެނުއަރީ 31، ގައި ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

އެ މައްސަލައިގައި ހަތް މީހުން ހައްޔަރު ކުރި ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު