ޚަބަރު
ޑޮލަރު ރޭޓް ތިރިވެ، އިގްތިސާދު ރަނގަޅުވުމުގެ އަސަރު އެބަ ކުރޭ: ރައީސް
މި ސަރުކާރުން އެޅި އިގުތިސާދީ ފިޔަވަޅުތަކާއެކު ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭރުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ނުވަ ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށެވެ.

އެ ދަރަނިތައް ދައްކަމުން ދަނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދޭން ހުރި ފައިސާ ދައްކަމުން ބޭރުގެ އެކި ކަހަލަ ލޯނުތަކަށް ފައިސާ ދައްކަމުން އަދި އެކަން މި ކުރަނީ ފައިސާ ޗާޕް ނުކޮށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ ގައުމު ބަނގުރޫޓްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 120 ބިލިއަން ރުފިޔާ އާއި ކުންފުނިތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަން ރުފިޔާގެ ބިލުތައް ވެސް ދައްކަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާނެ ކަމަށެވެ.

"ފައިސާ ޗާޕުކުރުން މިހާރު ހުއްޓާލާފައިވާނެ. އެކަން ހުއްޓާނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާ އަގު ވެއްޓެމުން، ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ 20 ރުފިޔާއަށްވުރެ ވެސް މައްޗަށް،" އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް އިތުރަށް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި މިފްކޯ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ކުންފުނިތަކުގައި އޮތީ ބިލުތަކުގެ މައްޗަށް ބިލު ކަމަށާއި އެ ހުރިހާ ބިލެއް ވެސް ދެއްކުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނެވެ. 

މި ސަރުކާރު އައިސް ވެރިކަމުގެ ފުރަތަމަ މަސް ތެރޭ، ފައިސާ ޗާޕުކުރުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. މިިދިޔަ ޑިސެމްބަރު މަހު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު  ޝަފީގު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އސިްތިސްނާ ކުރުން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިޔާދަކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު