ޚަބަރު
މެމްބަރުންނަށް އަނިޔާކުރަން މިނިސްޓަރު ޝަރީފް ހިތްވަރުދެއްވި މައްސަލަ ކުށްވެރިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. ދިއްގަރު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅު ދުއްވާލާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ސަބަބުން، މަޖިލީހުގެ މެމްބަރުންގެ ސަލާމަތަށް ހުރަސް އެޅިދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިވަގުތު ރާއްޖޭގެ އެކި އަތޮޅުތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މިހާރު އޮތް 19 ވަނަ މަޖިލިހުގެ ކުރީގެ މެމްބަރު ޝަރީފް ވަނީ އިދިކޮޅު މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ކުޑަކޮށް ދެރަ ވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ،" އޭނާ ވިދާޅުވި އެވެ. 

"އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާވައޭ."

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނެރުއްވި ބަޔާނެއް ގައި ވިދާޅުވީ މިނިސްޓަރު ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވާން އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި މަޖިލީސް މެންބަރުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްުޔަތަކަށްވީހިނދު ސަރުކާރުގެ ވަޒީރަކު މެންބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ ވަޒީރަކު އެ ގޮތަށް ވާހަކަ ދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައެވެ،"

އެ ބަޔާނުގައި ވަނީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

އަދި މަޖިލީހުގެ މެމްބަރުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެއްބާރުލުން ދިނުމަށާއި އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ވާހަކަތަކާ ގުޅިގެން އާދަމް ޝަރީފަށް ފިޔަވަޅު އަޅަން މަޖިލިސް ބައެއް މެމްބަރުން ގޮވާލާފައިވާއިރު، އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެއްކެވި ވާހަކައިގައި "ދަތްދޮޅި" މި ބަސް ބޭނުން ކުރީ އެއްވެސް ހާލަތެއްގައި ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ދަތްދޮޅީގެ ވާހަކަ އަކީ އޭނާއާ ގުޅުވައިގެން ކިޔާ އެއްޗަކަށް ވާތީ ސަމާސާ އަކަށް އެ ބަސް ބޭނުން ކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު