ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މީހުންނަށް މައާފްދީ ނުވަތަ ލުއިދީ ދޫކޮށްލާފައިވާނަމަ، އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން އަންގާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައިވަނިކޮށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވާފައިވާ ކަމަށެވެ."ކުޑަކުދިިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި މިދަނީ ދަންނަވަމުން،" ރައީސް ވިދާޅުވި އެވެ.