ޚަބަރު
ކުޑަކުއްޖަކަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ މިކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހުން މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިންނެވެ.

ކުޑަކުއްޖަކަށް މިސްކިތެއްގެ ފާހާނައިގައި އެހެން ދެ ކުއްޖަކު ވެގެން އަނިޔާކޮށް ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯގައި "ވޯންޓެޑްއޭ ކިޔާފައި ވާހަކަ ނުދައްކާ" ފަދަ އިބާރާތުން އިންޒާރުދީ އެ ކުއްޖާގެ ގައިގައި ޖަހާ ތަޅާ އަނިޔާކުރާތަން ފެނެއެވެ. އަދި ކަކޫމައްޗަށް ތިރިވެ މައާފަށް އެދެން ބުނެ އިންޒާރުދެއެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ދަންނަވާފައި ވެއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ އއ. ރަސްދޫގައި ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނިޔާ ކުރާ ވީޑިއޯ އާއްމުވުމާ އެކު، ދަންވަރުގެ ވަގުތުގައި ގިނަ ބަޔަކު ވަނީ އެ ކުދިން އުޅޭ ގެ ކައިރިއަށް އެއްވެ އަޑުއުފުލާފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު