ޚަބަރު
ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން މިނިސްޓަރު އެދިވަޑައިގެންފި
ޕީއެންއެފް އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތްކުރި ޖަލްސާއަށް ފުލުހުން ހުރަސް އަޅައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ ރިވިއު ކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ޕޮލިސް ކޮމިޝަނަރަށް އަންގަވައިފި އެވެ.

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ޣިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފަ އެވެ. 

މި މައްސަލާގައި ހޯމް މިނިސްޓަރު އިހުސާން އެކްސްގައި ވިދާޅުވީ، އެސްއޯ ފުލުހުންގެ ބޭނުން ހާއްސަ ހާލަތުތަކުގައި ނޫނީ ނުހިފަން ރައީސް މުއިއްޒު އޮތީ އަންގަވާފައި ކަމަށެވެ.

"ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑު ވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި،" ފުލުހުންގެ ކަންކަމަށް ގާނޫނީ ގޮތުން ޒިންމާވެވަަޑައިގަންނަވާ މިނިސްޓަރު ވިދާޅުވި އެވެ.



ރޭ ޣިޔާސުއްދީން ސްކޫލު ގޭޓު ބަންދުކޮށް އެ ސްކޫލަށް މީހުން ވަނަނުދީ ހުރަސްއެޅި އެޅުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެ ސްކޫލުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ސްކޫލު ހިންގާ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލުކޮށް އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަށް އެންގުމުންވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ހުއްދަ ނެތި ސްކޫލަށް ވަދެ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާތީ އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

ޣިޔާސުއްދީން ސްކޫލުގެ މި އެދުމާ ގުޅިގެން، ސްކޫލު ރައްކާތެރިކޮށް އެކަން ހުއްޓުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ހިދުމަތުގައި އެދުނުކަމަށެވެ. އަދި އެ އެދުމާ ގުޅިގެން ފުލުހުން އެ ސްކޫލަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އަމަލުކުރި ގޮތާއި ރޭ ހިނގާދިޔަ ކަންކަމާއި ގުޅިގެން ސަރުކާރާ ފުލުހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު