ޚަބަރު
އައިޖީއެމްއެޗުގައި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި
އައިޖީއެމްއެޗުގައި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ވާހަކަތައް ދެކެވެމުން ދާތީ ހިތާމަކުރާ ކަމަށެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެއްކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ މި މައްސަލާގައި ވެސް ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ބަލި މީހާގެ އާއިލާއާ މަޝްވަރާކޮށް، ތަފުސީލުކޮށް ކިޔައިދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުން، ބަލި މީހަކަށް ފަރުވާދޭއިރު ވަކި ކަމެއް އެހީތެރިއާއަށް ފާހަގަކުރެވޭ ނަމަ، އެ ކަމެއް ހޮސްޕިޓަލާ ހިއްސާކުރެވޭނެ ކަމަށާއި އަދި ގޯސްކޮށް ކަމެއް ހިނގާނަމަ، ހޮސްޕިޓަލުގެ ތެރެއިން އެ ކަންކަން ބެލޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.

"އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ،" ފާހަގަކޮށްލެވޭ ގޮތުގައި އައިޖީއެމްއެޗްގެ އިހުމާލުގެ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު