ޚަބަރު
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
ތަކުރާރުކޮށް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުވާން އެދުމުން ވެސް، މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުނުވުމުން އެންމެ ފަހުން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މިހާރު އޮތް 19 ވަނަ މަޖިލީހަށް 87 މެމްބަރުން އިންތިހާބުކުރި ނަމަވެސް މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އެއީ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފާ އެކު ޖުމްލަ ހަތް މެމްބަރަކު ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވުމުންނެވެ.

މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަވާ ގާނޫނީ އަދަދަކީ 22 މެމްބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ތާވަލުކޮށްފައި އޮތީ 9:00 އަށެވެ.

އެކަމަކު، ގާނޫނުއަސާސީން މަޖިލީހުގެ ޖަލްސާތައް ފަށަން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން 11:05 ވަންދެން ވަނީ ތަކުރާރުކޮށް ޖަލްސާ ފަށަން މަސައްކަތްކޮށްފައެވެ. އެގޮތުން، 9:30 ގައާއި 10:00 ގައި ވެސް ޖަލްސާ ފެށޭތޯ މަސައްކަތްކޮށްފައިވެއެވެ.

"މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް އަޅުގަނޑަށް ބަލައިލެވިއްޖެ. ކޯރަމް 11 ގެ ފަހުން ވެސް ޖަހައި ފަސް މިނެޓު ވެސް މިހާރު ހަމަވީ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން،" ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

މި ވަގުތު 10 މެންބަރުން މަޖިލީހުގެ ފްލޯގައި ވަޑައިގެން ތިއްބެވީ،"

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގައި ވަކި އަދަދަކަށް އަންހެން މެންބަރުން ހިމެނުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ނިމޭނީ މެއި 15، ގަ އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްްޔާތު އޮންނާނީ މެއި 28، ގަ އެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު