ޚަބަރު
ޕީއެސްއެމުން އަތޮޅު ބިއުރޯތައް އަލުން ހުޅުވަނީ
ޕީއެސްއެމް ހިންގާ އިމާރާތް. -- ފޮޓޯ: މިހާރު
ޕީއެސްއެމްގެ އަތޮޅު ބިއުރޯތަކުގެ ހިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

ޒީނާ ޒާހިރު ވިދާޅުވީ ހުއްޓިފައިވާ އަތޮޅު ބިއުރޯތަކުގެ މަސައްކަތް އަލުން ފަށައި ސަރަހައްދީ ބިއުރޯތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މަދުވެގެން ދެ ބިއުރޯއެއް އަލުން އޮޕަރޭޝަނެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ. 

"އެ ބިއުރޯއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް މަޢުލޫމާތުތައް ގެނެސްދޭނެ. 2 ބިއުރޯއަށްވެސް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވި އެވެ.

ޒީނާ ވަނީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމުގެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޕީއެސްއެމްގައި މިވަގުތު 384 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަން ފާޙަގަކުރައްވާ ޒީނާ ވިދާޅުވީ، މުވައްޒަފުންނަށް ހުނަރާއި ތަމްރީން ދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި މީޑިއާތަކާއި ޓީވީ ޗެނަލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށް، މީހުން ބިނާކުރުމާއި ހުނަރު ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ޒީނާ ވިދާޅުވިއެވެ. 

އަތޮޅު ބިއުރޯތައް ހިންގަން މީޑިއާ ސެންޓަރުތައް ހިންގުމަށްޓަކައި އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުން 7 ބިމެއް ޕީއެސްއެމަށް ޚާއްސަކޮށްފައިވެ އެވެ. ޒީނާ ވިދާޅުވީ އޭގެ ތެރެއިން ހަތަރު ރަށަކަށް ޒިޔާރަތްކުރައްވައި، އަލުން ބިއުރޯގެ މަސައްކަތް ފެށުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިންފޮމޭޝަން މިނިސްޓްރީގެ ދަށުން ހިންގަން ފެށި އަތޮޅު ބިއުރޯތައް ހުއްޓުމަކަށް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ތަންތަން ހުއްޓާލުމުން މީޑިއާ ސެންޓަރުތައް ވީރާނާވެ، ތަންތަނުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވެސް ހަލާކުވެގ، ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު