ޚަބަރު
އިސްރާއީލް ޕާސްޕޯޓް މަނާކުރާ ބިލް އެޖެންޑާ ނުކުރާ ސަބަބު ބުނެދޭން އެދިއްޖެ
މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ހުއްޓާލާފައި އޮތް ކަމަށް ބުނެ، އެކަން ސާފުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ކިބައިން މިއަދު އެދިއްޖެ އެވެ.

މި ބިލު ހުށަހެޅުއްވި މެމްބަރު މީކާއިލް ވަނީ އިއްޔެ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ފޮނުއްވަވައި، ބިލުގެ މަސައްކަތް ކުރިއަށް ނުދިއުމާއި، މި ބިލުގެ މަސައްކަތް ކޮމެޓީގައި އެޖެންޑާ ވެސް ނުކޮށްވާ ސަބަބު ސާފުކޮށްދެއްވުން އެދިވަޑައިގެންފަ އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުގެ ތަޅުމުން ބަލައިގަނެ، ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތެއް ކޮމިޓީގައި ނުފަށައެވެ.

ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ކޮމެޓީގައި އޮންނަތާ 59 ދުވަސް ވެގެންދިޔައިރު ވެސް މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އެންމެ ކުޑަ މިނުން މި ބިލުގެ މަސައްކަތް ކޮމެޓީގައި އެޖެންޑާ ވެސް ނުކޮށްވާ ސަބަބު ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

އެ ބިލު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭން ވެސް އިޒްރޭލާ ދެކޮޅަށް ފެންހިފޭ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަނިޔާވެރިކަން ދެނެގަނެ، ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އެކަން ފާހަގަކުރަމުން ގެންދާތީ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ އެކަމާ މެދު ގޮތެއް ނިންމަން އެ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު 241 ކޮމިޓީއަށް ދިރާސާކުރަން ހުށަހެޅުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު މެންބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.

ރައީސް އޮފީހުން 2 ޖޫން 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން އެ ދުވަހު ނިންމިކަން އިއުލާން ކުރައްވާފަ އެވެ. 

ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު