ޚަބަރު
ރިޔާސީ ބަޔާން: ޕަބްލިކް ޑިފެންޑާސް އޮފީހެއް ހަދަނީ
ޕަބްލިކް ޑިފެންޑާސް އޮފީސްގެ ނަމުގައި ދައުލަތުން ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލާއިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމް ކޮށްފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ އަދި އެކަމަށް ތަޚްސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާ ބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ނިޒާމު ގާއިމުކޮށްދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ސަރުކާރުން އިސްކަންދޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، އަޅުގަނޑު ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ ގެނައުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު