ޚަބަރު
ރިޔާސީ ބަޔާން: މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފްލެޓުގެ ލިސްޓުގެ ސައްހަކަން ބެލުމުމަށް ފަހު، މި މަސް ނިމުމުގެ ކުރިން އެ ލިސްޓު އިއުލާން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް، މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިމޭނެ ކަމަށެވެ.

"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓްގައި މައްސަލަތައް ހުރި ކަމަށް ބުނެ ފްލެޓްތައް ހަވާލުނުކޮށް ލަސްކުރަމުންތާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެެވެ.

މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު