ޚަބަރު
ތަޅުމުން މެންބަރުން ނެރުނީ މަޖިލިސް ގަވާއިދާ ހިލާފަށް: މައިނޯރިޓީ ލީޑަރު ނާޒިލް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ހުރަސް އެޅުމުން ނަން އިއްވައި ތަޅުމުން ނެރުނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު މެންބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ. އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.

ދެން ވެސް މެންބަރުން އަޑުގަދަ ކުރުން ނުހުއްޓުމުން އެ މެންބަރުންގެ ނަން އިއްވައި، ޖަލްސާ މެދުކަނޑައިލީ އެވެ. ޖަލްސާ މެދުކަނޑާލީ އެ މެންބަރުން ތަޅުމުން ނެރުމަށެވެ.

އިހުތިޖާޖު ފެށުމުން މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވި އެވެ.

ނަން އިއްވި މެންބަރުން

  • މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  • ހަނިމާދޫ ދާއިރާ - ޢަބްދުލްޣަފޫރު މޫސާ
  • ވައިކަރަދޫ ދާއިރާ - ޙުސައިން ޒިޔާދު
  • ހިތަދޫ ދެކުނު ދާއިރާ - އިބްރާހީމް ނާޒިލް
  • ކެޔޮދޫ ދާއިރާ - މުޙައްމަދު ނިއުޝާދު
  • މަރަދޫ ދާއިރާ - އަޙްމަދުދީދީ
  • ތޮއްޑޫ ދާއިރާ - ޙުސައިން ސަމީރު
  • ކެންދޫ ދާއިރާ - މަޢުރޫފް ޛާކިރު
  • ގަލޮޅު އުތުރު ދާއިރާ - މުޙައްމަދު އިބްރާހީމް (ކުޑޫ)
ރިޔާސަތުން ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނިކުންނަންދެން ޖަލްސާ މެދުކަނޑާލުމަށްފަހު އަބްދުއްރަހީމް އާއި ރައީސް މުއިއްޒު ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވި އެވެ.

ނަން އިއްވި ބައެއް މެންބަރުން ރުހުމުގައި ތަޅުމުން ނުކުމެވަޑައިގެންނެވިއިރު ބައެއް މެންބަރުން ނެރުނީ މަޖިލީހުގެ ސެކިއުރިޓީންނެވެ.

ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު، މަޖިލިހުގެ އިދާރާގެ ބޭރުން ސޯސަން މަގުގައި ބޭއްވި މުޒާހަރާއާ ގުޅިވަޑައިގެން އެ ތަނުގައި ހުންނަވައި ނާޒިލް މީޑިއާތަކަށް ވިދާޅުވީ، އިދިކޮޅު މެންބަރުންގެ ޝުއޫރުތައް "ރީއްޗަށް މަޑުމައިތިރިކަމާއެކު" އިއްވަމުން ދަނިކޮށް ނަން އިއްވީ ކަމަށެވެ.

އެ އަށް ފަހު، މަޖިލީހުގެ ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތި އެމްޑީޕީގެ 8 މެންބަރުން ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވި ގޮތުގައި، ރިޔާސަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަނބުރާ ވަޑައިގެންނެވުމުން ރީއްޗަށް ތަޅުމުން ނުކުންނަވާނެ ކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން 12 މެންބަރުން މަޖިލީސްތެރޭ ތިބެ، ތިބޭފުޅުންގެ، ދިވެހި ރައްޔިތުންގެ އަޑު އުފުލަން މަސައްކަތް ކުރަނީ. އަޅުގަނޑު ބޭނުންވަނީ ސަރުކާރުން ރައްޔިތުންގެ އަޑު އަހާ، ރައްޔިތުން ބޭނުންވާ ކަންކަން ރަގަޅަށް ކޮށްދިނުމަށް. ދިވެހި ރައްޔިތުންގެ އެތައް މައުލޫމާތުތަކެއް ވަގަށް ނަގާ، ޕާޓީ ބޮޑުކުރަން އެ މައުލޫމާތުތަކާއެކީގަ މީހުން ޕާޓީއަށް ވެއްދުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" ނާޒިލް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ އަށް މެންބަރުންގެ ނަން އިއްވައި، ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު