ޚަބަރު
ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދޭނީ މައްސަލަތައް ހައްލުކޮށްފައި: އިހްސާން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކެޕްޓަން އަލީ އިހްސާން
ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން ގެންނަ ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެންނަން އާންމުކޮށް ދެން ހުޅުވާލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކޮށްފައި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާ ކުރީ ކޮވިޑް 19ގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މީގެ ހަތަރު އަހަރެއް ކުރިންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ޑިސެމްބަރުގެ ތެރޭގައި ވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށް ހުއްދަ ދީފަ އެވެ. އެކަމަކު މިއީ އާންމުކޮށް ހުޅުވާލައިގެން ދޭ ހުއްދައެއް ނޫނެވެ. އެހެންްވެ މިއީ ބިދޭސީ މަސައްކަތްތެެރިން ބޭނުންވާ ކުންފުނިތަކުގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

ރާއްޖެއަށް ބިދޭސީން ގެންނަ ކުންފުނިތަކާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ގަވައިދުގެ ތެރެއަށް ވެއްދުމާއި، ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުން ފަދަ މަސައްކަތްތަކެއް ކުރިއަށްދާތީ މިކަން ހައްލު ނުވަނީސް ބިދޭސީން ރާއްޖެ ގެނައުމުގެ އާންމު ހުއްދައެއް ނުދެވޭނެ ކަމަށެވެ. 

"ބިދޭސީން ގަވައިދަށް ފެއްތުމަށް މަގުތައް ހޯދި އެ ކަންކަން ރަނގަޅަށް ހިނގައިގަތީމާ ބިދޭސީން ގެންނަން ބޯޑަރު ވެސް ހުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށްފަހު ގަވައިދާ ހިލާފަށް އުޅޭ މީހުންނާ މެދު ދެގޮތަކަށް އަމަލުކުރާނެ ކަމަށެވެ. އެގޮތުން މާބޮޑެތި މައްސަލަތަކެއް ނެތް މީހުން ގަވައިދުގެ ތެރެއަށް ވަންނަން ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ކަމަށާއި އަދި އަނެއް ގޮތަކީ އެ މީހުން ރާއްޖެ ދޫކޮށް ދާން ބޭނުންވާނަމަ އެ ފުރުސަތު ދިނުން ކަމަށެވެ.

އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމުން ދައްކާ ގޮތުން ރާއްޖޭގައި މި ވަގުތު ބަންގްލަދޭޝްގެ 90،624 ބިދޭސީން އެބަތިއްބެވެ. ބިދޭސީންނަށް 139،000 އެކްޓިވް ވޯކްޕާމިޓު ދޫކޮށްފައިވާކަން ބިދޭސީންގެ އެކްސްޕެޓް ސިސްޓަމުން ދައްކާ ކަމަށާއި އޭގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދައްކާފައިވަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު