ޚަބަރު
ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ޖޭއެސްސީއަށް އައްޔަންކޮށްފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޒު ފަރުހާދު ރަޝީދު، ރައީސް ޑރ މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.

އަލްއުސްތާު ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އަލްއުސްތާޒު ފަރުހާދު ރަޝީދު، މި މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޒު ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ.

އަލްއުސްތާޒު ފަރުހާދު ރަޝީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިން އެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޒު ފަރުހާދު ރަޝީދު، ވަނީ ސޮއިކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ހަވާލުކޮށްދެއްވީ ރައީސް އެވެ.

އަލްއުސްތާޒު ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. 

މިއަދު އެ ކޮމިޝަނަށް އައްޔަންކުރި ފަނޑިޔާރު ފަރުހާދަކީ 2013 އިން ފެށިގެން ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ފަރުހާދުއާ ގުޅޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަހަރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް އެ މައްސަލައަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާތީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ކޮމިޝަނުން ނިންމި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު