ޚަބަރު
ތޮއްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ތޮއްޔިބް ޝަހީމް: އޭނާ ފުލުހަށް ހާޒިރުކޮށް، ވަނީ ސުވާލު ކޮށްފައި --- ފޮޓޯ/މިހާރު
ސައްހަ ނޫން ބަޔާނެއް ދައުރު ކުރަމުންދާ މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުވާލުކުރި ކޮން ދުވަހަކު ކަމެއް އެ އިދާރާއިން ނުބުނެ އެވެ.

އެ މައްސަލާގައި ފުލުހުން ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފަ އެވެ.

އޭރު ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަން ވަނީ އެނގިފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ތައްޔިބުގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 51,500 އަށްވުރެ އިތުރުއިރު އޭނާ ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރި އެވެ. އެމްޑީޕީގެ ވެރިކަމުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު