ޚަބަރު
މީހުން އަތުން ސްކޭމްތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި
މިއަހަރުގެ މިހާތަނަށް ސްކޭމް މައްސަލަތަކުގައި 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިޓެންޑަންޓް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައިގެން އެކިއެކި ގޮތްގޮތުން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަތައް މި ފަހުން އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް، އެ ފަދަ މައްސަލަތަކުގައި ފޭރޭ ފައިސާގެ އަދަދު އިތުރުވާ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ފުލުހުންގެ އިސް ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އަހަރުގެ މިހާތަނަށް ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ހިމެނޭ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

"ގިނަ ބަޔަކު އަދިވެސް ސްކޭމަރުންގެ ޝިކާރައަކަށްވެ، އެ މީހުންގެ ސްކީމްތަކުގައި ޖެހުމަކީ ހިތާމަހުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ މިދިޔަ ޖުލައި މަހު ވިދާޅުވެފައިވާ ގޮތުގައި ސްކޭމްގެ އެކި މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ވަނީ ބްލޮކް ކޮށްފަ އެވެ.

އޭގެ އިތުރުން 782 ޑިވައިސް ނެޓްވޯކާއި 297 ސިމްކާޑާއި 70 ވެބް ލިންކް ބްލޮކް ކޮށްފައިވެ އެވެ.

މަރިޔަމް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގައި 156 މައްސަލައެއްގައި ދައުވާކުރަން މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 1،302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންނާ ކަމާބެހޭ އިދާރާތަކުން އަންނަނީ ސްކޭމްތަކަށް ސަމާލުވުމަށާއި އެފަދަ މީހުންނާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް އާންމުކުރަމުންނެވެ.

ނަމަވެސް އެފަދަ މަކަރުތަކާއި ސްކޭމްކުރާ މީހުންގެ ޝިކާރައަކަށް ގިނަ ބަޔަކު ވެގެންދާ މަންޒަރު އަދިވެސް ފެންނަމުންދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު