ޚަބަރު
ގާނޫނު އަސާސީ ބަދަލުވާ ބިލަށް ހިޔާލު ހުށަހަޅަން ވަގުތު ދޭން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިވާ ހާލަތުގައި، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ފުރުސަތު ލިބޭގޮތަށް ބިލުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

އެ މައްސަލާގައި ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާތީ އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.

އެހެންވެ، އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި މިއަދު އެދިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ބާ ކައުންސިލުން ބުނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް އެ ބިލުގެ ކަންކަން އިންތިޒާމު ކުރުމަށް ވެސް ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

ބިލަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ފުރުސަތު ދިނުމަށް ބާ ކައުންސިލުން މަޖިލީހަށް ގޮވާލި އިރު، އެ ބިލަށް ބަހުސްކުރުމާ އެކު ވޯޓަށް އެހުމަށް މިއަދު 5:30 އަށް ޖަލްސާއެއް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ މަޖިލިސް މެންބަރުކަމުން ވަކިވުމުގެ މާއްދާތަކާ މެދު އެވެ. އެ މާއްދާތަކަށް އިސްލާހު ހުށަހަޅާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް އެމަނިކުފާނު ވިދާޅުވި އިސްލާހެއް ކޮމިޓީއަށް ހުށަހަޅާފައި ނުވެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ:

   1- އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން

   2- އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން

   3- އިންތިހާބުވި ޕާޓީން ވަކިވުން

   4- ޕާޓީން އެ މީހަކު ވަކިކުރުން

ގާނޫނުއަސާސީއަށް ކުއްލި ގޮތަށް މި އިސްލާހު ހުށަހަޅާފައި މިވަނީ، މިދިޔަ 19 ވަނަ މަޖިލީހުގައި އެ ހަތަރު ހާލަތް ހިމަނައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ގާނޫނު، ގާނޫނުއަސީއާ ހިލާފު ކަމަށް ކަނޑައަޅަން އަމިއްލަ ފަރާތްތަކުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ ގާނޫނުގައިވާ ގޮތުން، އެ ހަތަރު ހާލަތުން ކުރެ ހާލަތެއް ދިމާވެއްޖެނަމަ، މެންބަރަކު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު