ޚަބަރު
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލު ކޮމެޓީން ދޮޅު ގަޑިއިރު ތެރޭ ފާސްކޮށްފި
ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީން ދޮޅު ގަޑިއިރު ތެރޭގައި ނިންމާލައިފި އެވެ.

ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގައި މި ވަގުތު އެ އަދަދަށް މެންބަރުން އެބަތިއްބެވިއެވެ.

ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛

  • މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
  • ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
  • ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވި އިސްލާހުތަކާއެކު މި ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 13 މެންބަރުން ވަނީ ވޯޓު ދީފަ އެވެ.

މި ބިލު މަޖިލީހުން ފާސްކުރުމަށް، މިއަދު 5:30 ގައި މަޖިލީހުގެ ޖަލްސާއެއް ވަނީ ތާވަލުކޮށްފަ އެވެ. 

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރުމަށް ވެރިކަން ކުރާ ޕީއެންސީ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ލީޑަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު