ޚަބަރު
އެމްޑީޕީގެ ހަރުގެ އަތުލި މައްސަލާގައި ކުރި ދައުވާ އަނބުރާ ގެނެސްފި
މާލެ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ ކުރީ މައި ހަރުގެ - ފޮޓޯ: މިހާރު ފައިލް ފޮޓޯ
ހ. ވެޔޮވިލާ ބަންޑާރަ ގޯތިން ބައެއް ކުއްޔަށް ހިފައިގެން އެމްޑީޕީގެ ހަރުގެ ހިންގަމުން ދަނިކޮށް، އެ ގޭގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރާއި އެމްޑީޕީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް ތަން ހުސްކުރަން އެންގި ކަމަށް ބުނެ ކުރި ދައުވާ އެ ޕާޓީން ދޫކޮށްލައިފި އެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގި މައި ހަރުގެއަކީ އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ އެ ޕާޓީން 2023 ވަނަ އަހަރު ވަކިވި އެވެ.

އެމްޑީޕީގެ ހަރުގެ ހުސްކުރަން އެ ޕާޓީއަށް ދިން މުއްދަތު ހަމަވުމުން ޝަފިއްޔާ ވަނީ އެ ބިން އެހެން ބަޔަކަށް ކުއްޔަށް ދީފަ އެވެ. އޭގެ ފަހުން އެ ތަނުގައި ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ހެދި އެވެ. ނަމަވެސް މިހާރު އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ އެ ތަން ވަނީ ވެރިކަންކުރާ ޕީއެންސީގެ ހަރުގެއެއް ހިންގަން ދީފަ އެވެ. 

31 ޖުލައި 2023އާ ހަމައަށް އެމްޑީޕީއަށް އެ ތަން ބޭނުން ކުރެވޭނެ ކަމަށް ޝަފިއްޔާ ޒުބައިރާއެކު އެއްބަސްވެފައިވަނިކޮށް 14 މެއި 2023އަށް ތަން ހުސްކުރަން އޭނާ އެންގި އެވެ.  

މި މައްސަލާގައި އެއްބަސްވުން ނިމުމަކަށް ގެނެސް ތަން ހުސްކުރަން އެންގީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

އެއްބަސްވުމުގައިވާ މުއްދަތަށް އެ ތަން ބޭނުން ކުރެވޭ ގޮތް ހެދުމަށް އެމްޑީޕީން އެކި ފަހަރު މަތިން ވަގުތީ އަމުރުތަކަކަށް ވެސް އެދިފައިވެ އެވެ. އެމްޑީޕީން އެދުނު އެއްވެސް އެފަދަ އަމުރެއް ސިވިލް ކޯޓުން ނުދިނެވެ.

އެ ތަން ހުސްކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައެއް ވެސް އެމްޑީޕީން އަމިއްލއަށް އެ ދުވަސްވަރު އަނބުރާ ގެންގޮސްފައިވެ އެވެ.

ސިވިލް ކޯޓުން މި މައްސަލާގައި ކޮށްފައިވާ ހުކުމްގައިވާ ގޮތުން މައްސަލަ ކުރިއަށް ގެންދިޔުމަކީ ދައުވާކުރާ ފަރާތަށާއި ދައުވާ ލިބޭ ފަރާތަށް އިތުރު އެއްވެސް ފައިސާއެއް ނުލިބޭ ތަނުގައި ވަގުތުގެ ގޮތުންނާއި މާލީ ގޮތުން އިތުރު އެތައް ގެއްލުންތަކެއް ވާނެ ކަމަކަށް ވާތީ، އެ ދައުވާ އަނބުރާ ގެންދަން އެމްޑީޕީން މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، ދައުވާ އިތުރަށް ކުރިއަށް ނުގެންގޮސް ސިވިލް ކޯޓުން ވަނީ މައްސަލަ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު