ޚަބަރު
އިޒްރޭލު މީހުން ޒަރޫރީ ކަމެއްގައި ނޫނީ ރާއްޖެ ނުދާން އަންގައިފި
ރާއްޖޭގައި އިޒުރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލަނީ - ފޮޓޯ: އަވަސް
ކޮންމެހެން ދާންޖެހޭ ކަމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

އިޒްރޭލުގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލައި ދެ ގައުމަކަށް ނެރެފައިވާ އެލާޓްތައް މިއަދު ވަނީ މަތިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގެ އެލާޓް ވަނީ ދެ ވަނަ ލެވްލެއިން ތިން ވަނަ ލެވެލްއަށް މަތިކޮށްފައެވެ.

ދެވަނަ ލެވެލްގައި ބުނަނީ ދަތުރުކުރުމުގައި ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށެވެ. ނަމަވެސް އެ ގައުމަކަށް ދަތުރުނުކުރުމަށް ނުވަތަ ގައުމުން ފޭބުމަށް އިލްތިމާސެއް ނުކުރެއެވެ.

އެއާ ހިލާފަށް ތިން ވަނަ ލެވެލްގައި އަންގަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެ ސަރަހައްދަކަށް ނުކުރުމަށެވެ.

އިޒުރޭލުގެ ރައްޔިތުންނަށް ރާއްޖޭގައި ނުރައްކާ އޮތް ކަމުގެ އެލާޓް މައްޗަށް ޖެއްސީ ރާއްޖޭގައި އިޒުރޭލުގެ ރައްޔިތުންނާ ދެކޮޅު ހަރަކާތްތަކެއް ހިނގާތީއާއި ޓެރަރިސްޓުންނަށް ތާއިދު ކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފަތުރުވެރިންގެ ގޮތުގައި އިޒުރޭލުން ރާއްޖެއަށް މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް އައީ 62 މީހުންނެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އިޒުރޭލުގެ ފަތުރުވެރިންގެ ގޮތުގައި 517 މީހުން ރާއްޖެ އައިސްފައިވެ އެވެ.

އިޒުރޭލުން ފަލަސްތީންގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ރާއްޖޭގައި ގެންދަނީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި އެތައް ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި އިޒުރޭލު ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ދަނީ އިސް ދައުރެއްވެސް އަދާކުރަމުންނެވެ. 

ރާއްޖޭގެ އިތުރުން އިޒްރޭލުގެ ދަތުރުވެރިން ސަމާލުވުމަށް އަންގައިފައިވަނީ އަރުމީނިއާއަށް ދަތުރުކުރުމުގައެވެ. އެގޮތުން އެ ގައުމުގެ އެލާޓް ލެވެލް ވަނީ އެކަކު ދެއަކަށް މަތިކޮށްފައެވެ. އެއީ އަރުމީނިއާގައި ވެސް އިޒްރޭލުގެ ރައްޔިތުންނާއި ޔަހޫދީންނަށް ނުރައްކާ އޮތް ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު