ޚަބަރު
ޖިހާދުގެ މައްސަަލައިގައި ޕީޖީން ސުޕްރީމް ކޯޓަށް
ކ. ފުށިދިއްގަރުފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގަ އެވެ.

މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އިތުރު ފުރުސަތެއް ދިނެވެ. އެ ފުރުސަތު ހަމަވީ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.

ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފަ އެވެ.

އެއާއެކު ޕީޖީ އޮފީހުންވަނީ އެ ނިންމުން މުރާޖާކުރުމަށް އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.

ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު