ޚަބަރު
ވިނަރެސް ފްލެޓު ގަތް ފުލުސް ރަޖުނީއާ ގުޅޭ މައްސަލައެއް އޮތްތޯ ބަލަނީ
ރަޖުނީ: ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔަކީ ވެސް ރަޖުނީ
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީ އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް ރަޖުނީ ޝުއިއިބާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ،" ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ރަޖުނީގެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެވެ.

އެ މައްސަލައިގެ ތަހުގީގެއް ފެށީ މިދިޔަ ބުދަދުވަހު އެވެ. އަދި ތަހުގީގާ ބެހޭ ގޮތުން ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރަޖުނީއާ ގުޅޭ މައްސަލައެއް ބަލަން ފެށިއިރު، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔަކީ ވެސް އޭނާ އެވެ.

އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.

ގޯތި ވައްކަމުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު