ޚަބަރު
ރަސްމީ ދައުވަތަކަށް އަބްދުއްރަހީމް އިންޑިއާ ވަޑައިގަންނަވަނީ
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސްގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަންނަ ފެބްރުއަރީ މަހު އެގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރީޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދަކާ އެކު މަޖިލިސް ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 10، އިން 14 ގެ ނިޔަލަށެވެ.

ޕަބިތުރާ ވިދާޅުވީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާއިން ފާއިތުވި އަހަރުތަކުގައި އަވަށްޓެރި ގައުމުތަކަށް މަޖިލިސް މެންބަރުން ފޮނުވުމާއި، އެ ގައުމަށް ވެސް ގެނެސް ގުޅުން ބަދަހި ކޮށްފައި ކަމަށެވެ.

މިއީ މަޖިލިސް ރައީސްގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށްވާއިރު، އެ ދަތުރުފުޅާ ގުޅޭ ގޮތުން މިހާތަނަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާއެކު ކަމަށްވެފައި، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނައިބު ވަޒީރުންތަކެއް އެގައުމުގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

އެއާއެކު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ކެމްޕެއިނެއް ފަށައި، އެގައުމުގައި ރާއްޖޭގެ މަގުބޫލުކަން ދަށަށް ދިޔައެވެ. 

ގޯސްވުމަށްފަހު، އަލުން ގުޅުން ބަދަހިކޮށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މި އަހަރު ވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު