ޚަބަރު
އިންޑިއާގެ ސަފީރު ރައީސް އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާންކުރައްވަނީ.--
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެނބުރި ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫގެ ތިން އަހަރުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ.

ރައީސް އޮފީހުން ބުނީ ސަފީރު މުނޫ އަނބުރާ އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާ އާއި ރާއްޖޭގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާ އިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ސަފީރު ވަނީ ރައީސް އާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ މެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން ރައީސް ވަނީ އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

މި ސަރުކާރު ފުރަތަމަ ވެރިކަމަށް އައިއިރު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.

އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެއަށް ފަހު، އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު