ޚަބަރު
ފަޒުލް މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތި ދިން މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބުނެ މީޑިއާގައި ވަނީ ހަބަރު ފަތުރައިފައެވެ. އަދި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ.

މި ތަހުގީގު އަސްލު ފެށިގެން މިއައީ ސޯޝަލް މީޑިއާގައި ލީކުކޮށްލި ލިއުންތަކަކާ ގުޅިގެންނެވެ.

އެ ލިއުންތަކުން އެނގޭ ގޮތުގައި ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗުޑީސީއަށް ހުށައަޅާފައިވެ އެވެ.

ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ. 

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައިވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބަޔާނުގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމަށް ބުނެފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު، އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި، ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޟުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީންވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ވެސް، މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާއެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވައިލި އެވެ.

އަދި މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި "ބިންވެރިޔާ" ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

"ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައިވަނީ އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު