ޚަބަރު
ވެރިފައި ނުކޮށް އެއްވެސް ގޯއްޗެއް ނުދެން: ފަޒުލް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ވަކި ބަޔަކަށް "ބިންވެރިޔާ" ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ދޮގުކުރައްވައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، މުޅި ރާއްޖޭގެ ސަމާލުކަމަށް އައުމުން އެޗްޑީސީން ކުއްލި ގޮތަކަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން ދިން ގޯތިތަކުގައި އިމާރާތްކުރަން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ދަށުން ހައުސިން މިނިސްޓްރީއާ އެކު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް އެޕްލައި މިކުރަނީ އެ ރަޖިސްޓްރީއެއް އޮންނަ ފަރާތެއްކަމަށް އަޅުގަނޑުމެން މި ޤަބޫލު ކުރަނީ. އެހިސާބުން ފެށިގެން ބައުންޑަރީ ޕާމިޓް އަޅުގަނޑުމެން ދޫކޮށްލަނީ. ދޫކޮށްލާ ހާލަތުގައި ވެރިފިކޭޝަން ޕްރޮސެސްއެއް އިނީޝިއޭޓްކޮށްފައިވާނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މީޑިއާގައި މިހާރު ފެންމަތިވެގެން އުޅޭ ގޯތިތަކުގެ މައްސަލައަކީވެސް އެޗްޑީސީން ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވި މައްސަލައެއްކަމަށެވެ. އެގޮތުން އެޗްޑީސީއަށް މައްސަލަ ފާހަގަވީ 2 ގޯއްޗެއްގައިކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެއްލެވުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުއްވީ އެޗްޑީސީން އިސްނަގައިގެންކަންވެސް ފަޒުލް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބުނެ މީޑިއާގައި ވަނީ ހަބަރު ފަތުރައިފައެވެ. އަދި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ.

މި ތަހުގީގު އަސްލު ފެށިގެން މިއައީ ސޯޝަލް މީޑިއާގައި ލީކުކޮށްލި ލިއުންތަކަކާ ގުޅިގެންނެވެ.

އެ ލިއުންތަކުން އެނގޭ ގޮތުގައި ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗުޑީސީއަށް ހުށައަޅާފައިވެ އެވެ.

ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ.


 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު