ޚަބަރު
ޕޮލިސް އެކަޑަމީގެ މަރާމާތަށް އިންޑިއާއިން 8.5 މިލިއަން ރުފިޔާ ދީފި
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑަމީގައި ބޭއްވި 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިންޑިއާ ސަރުކާރުން އައްޑޫ ޕޮލިސް އެކަޑަމީގެ މަރާމާތާ ގުޅޭ ކަންކަމަށް 8.5 މިލިއަން ރުފިޔާ ދިނުމުން ހާމަވަނީ ދެ ގައުމުގެ މެދުގައި އޮތް ހާއްސަ ގުޅުން ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަމިތު ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރުގެ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި ދެއްވި ހާއްސަ ދައުވަތު ގަބޫލުކުރައްވާ އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަމިތް ގާގް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން ވަޒީރު ވަނީ ހާއްސަ ޝުކުރެއްވެސް އަދާކުރައްވާފަ އެވެ.

ތަމްރީނުތައް ފުރިހަމަކުރި ފުލުހުންނަށް މުހާތަބު ކުރައްވައި އިހުސާން ވިދާޅުވީ މިއީ އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަސް ކަމަށާއި މިއީ އެ އޮފިސަރުންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ބަދަލުވެ، ރާއްޖޭގެ ގާނޫނުގެ ތެރެއިން ހިދުމަތަށް ނިކުތުމަށް އަޅާނެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އެކަމަކީ ފަހުރާއި ޝަރަފުގެ އިތުރުން ޒިންމާތަކެއް ވެސް އިހުސާސްކުރެވޭނެ ދުވަހެއް ކަމަށް ވިދާޅުވެ އިހުސާން އެދިވަޑައިގަތީ ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމާއި ގޭންގު ހަދައިގެން ކުރަމުންދާ ކުށްތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު