ޚަބަރު
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ރޭ ބޭއްވި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތުހުމަތު ކުރެއްވި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.

އޭނަ ސަސްޕެންޑްކޮށްފައި މި ވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެ ޖަލްސާގައި އޭނަ ވިދާޅުވީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ބޭރުން ލިބިދާނެ ފައިސާގެ އެހީ އާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި އެމްޑީޕީ އާއި ލޭބާ ޔޫނި އަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅޭ ކަމަށެވެ.

އެގޮތުން މާލެ ކައިރީގައި އެއް ފަޅެއްގެ ތެރޭގައި އޮތް ބޮޑު ތިން ރިސޯޓުގެ ތެރެއިން ރިސޯޓެއްގައި އެ ފަރާތްތަކުން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެން ނެތް ވާހަކަ އެންގުމުން ވެސް އެ ބައްދަލުވުން ބޭއްވުމަށް އެ ރިސޯޓަށް އަރާނެ ކަމަށް ލިޔުމުން އިންޒާރު ދީފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަން ކުރަން ރާވާފައި ވަނީ އިއްޔެ ހަވީރު ކަމަށާއި އެކަމުގެ ފަހަތުގައި ހުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށެވެ.

ނިހާދު މަގާމުގެ މަސްއޫލިއްޔަތުތަކުގެ އެކަހެރިކޮށް ސަސްޕެންޑްކޮށްފައިވާ ކަމަށް ސަރުކާރު ތަރުޖަމާނު ހީނާ ތެދުކޮށްދެ އެވެ.

އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ މަޖިލިސް މެންބަރަކަށް ހުރެ ކުރިން ނިހާދު ވަނީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ދެ ބުރުގައި ވެސް މަސައްކަތް ކުރެއްވި ނީހާދު ޕީއެންސީއަށް ބަދަލުވީ އެ ޕާޓީއަށް ވެރިކަން ލިބުނު ފަހުންނެވެ.

އެގޮތުން މަޖިލީހުގެ ފަހު ދުވަސްތަކުގައި ޕީއެންސީގައި ހުރެ، އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެއާ އެކު، ގިނަ ބައެއްގެ ފާޑު ކިޔުން ނިހާދުއަށް އަމާޒުވި އެވެ.

ޕީއެންސީއަށް ނިހާދު ބަދަލުވީ ފައިސާގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާއެއް ދިނުމުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އަދި އެގޮތަށް އަޑު ފެތުރުނު ފަހުން އޭނާއަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދިނެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު