ޚަބަރު
ދިވެހި ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ ވާހަކަ އިންޑިއާއިން ދޮގުކޮށްފި
މި ސަރުކާރު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ އެކު އިންޑިއާ އިން މަޝްވަރާތަކެއް ކުރި ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ވޮޝިންޓަން ޕޯސްޓު ނޫހުގައި ލިޔުމެއް ޝާއިއުކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށާއި އެއީ އިންޑިއާއާ ދެކޮޅުވެރިވުމުގެ އަމަލެއް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ ރިޔާސީ ވައުދާ އެކު، ވެރިކަމަށް ވަޑައިގެންނެވި، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ރޯ އިން މަސައްކަތް ކޮށްފައިވާ ކަމަށް، ގިނަ މަސްދަރުތަކާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓާއި އެ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅެނީ ޒާތީ ހަސަދަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދަންނަވާނީ، ސުވާލު އުފެދޭ ނޫހާއި ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު އަދާވާތްތެރިކަމެއް ގެންގުޅޭހެން. އެ މީހުންގެ ހަރަކާތްތަކުން އެފަދަ އުސޫލެއް ފެނިގެންދޭ،" އޭނާ ވިދާޅުވި އެވެ.

"އެއީ އިތުބާރުކުރެވޭ ބައެއްތޯ ނިންމުމަށް އަޅުގަނޑު ތިބޭފުޅުންނަށް ދޫކޮށްލަން. އަޅުގަނޑުމެން ބަލާއިރު، އެ މީހުންނަކަށް އިތުބާރެއް ނުކުރެވޭ."

މިއީ ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.

އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.

އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. ތޮރާތަކީ، ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ވޮޝިންގްޓަން ޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.

ރައީސް މުއިއްޒު ވެރިކަން ވައްޓާލުމަށް ރޭވި ކަމަށް ތޮރާތާއި ރޮޑްރީގްސް ވެސް ވޮޝިންގްޓަން ޕޯސްޓަށް ޔަގީން ކޮށްދިނަސް، އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަމެއް ނުބުންޏެވެ.

ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، މި ރޭވުމުގައި އިންޑިއާ ސަރުކާރުން ކިހާ ސީރިއަސްކޮށް އުޅުނު ކަމެއް ސާފެއް ނޫނެވެ.

ނަމަވެސް، ރާއްޖޭގައި ހުންނަ ރޯގެ އޭޖެންޓު، ރައީސް މުއިއްޒުގެ ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ވައްޓާލުމާ ދެކޮޅު ހެދި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަބަދު ގޮސްއުޅޭ، ރާއްޖޭގެ ސިޔާސީ ބޭފުޅަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު