ޚަބަރު
ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ.

މިއީ ރަސްމީ ދަތުރުފުޅެއްގައި ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ހިންގި "އިންޑިއާ އައުޓު" ހަރަކާތާއި މި ސަރުކާރާއި މިހާރު ގުޅުމެއް ނެތް ކަމަށާއި، އެ ކެމްޕޭން ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ފޮރިން މިނިސްޓަރު ހަލީލު ވިއޯން އަށް ވިދާޅުވި އެވެ.

އިންޑިއާ އައުޓު ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޣައްސާންގެ އިތުރުން މި ސަރުކާރުގެ ކެބިނެޓުގައި އިސް ވެރިންގެ ތެރެއިން ގިނަ ބަޔަކު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ.

ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ވަޑައިގަންނަވާ އިރު، މި ސަރުކާރުން ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބީޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ މަދަނީންތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު