ޚަބަރު
އޮކްޓޫބަރުގައި ވައިޑް-ބޮޑީގެ ދެވަނަ ބޯޓު އުދުހެން ފަށާނެ: ރައީސް
މި އަހަރުގެ އޮކްޓޫބަރު މަހުގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދެވަނަ ބޯޓުގެ އުދުހުންތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް އޭ 330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔަން ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ މެނިފެސްޓޯ ލިޔަމުން ދިޔައިރު ގައުމީ އެއާލައިން ފުޅާ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގެން އެކަން ހިމެނި ކަމަށާ މިއަދު ފެނިގެން މިދަނީ އެކަން ހަގީގަތަކަށް ވެގެން ދިޔަތަން ކަމަށެވެ. 

"މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއަށް އޮތް މަސްތަކުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މިއީ ފެށުމެއް. މިއަދު ފުރަތަމަ ބޯޓު އައިކަމުގައި ވިޔަސް މި އަހަރުގެ އޮކްޓޫބަރު މަހު [މާތްﷲ އިރާދަފުޅުން ] ދެވަނަ ބޯޓެއް އަންނާނެ. ފިނޭންސްއާއި އައިލެންޑް އޭވިއޭޝަނުން އަދި އެހެން ފަރާތްތަކުން ކުރާ މަސައްކަތުން އިތުރު ކުރިއެރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އަހަރުގެ ތެރޭގައި ތަރައްގީގެ މުހިއްމު މަސައްކަތްތަކެއް ރާއްޖެ އިން ފެންނަން ފަށާނެ އެވެ. އިގްތިސާދީ ދާއިރާ އާއި އުމްރާނީ އަދި އިޖްތިމާއީ ދާއިރާ އިން ވެސް ބާރު މިނުގައި ކުރި އަރައިގެން ދާނެ އަހަރަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަން ގެ ހިދުމަތް 2،000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު އެވެ. މިއަދު މޯލްޑިވިއަން އަށް އިތުރު ކުރި އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އެއާލައިނުން މިހާރު ވެސް އަންނަނީ 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭ އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު