ވިޔަފާރި
ޔޫރަޕަށް ދަތުރުކުރެވޭ މޯލްޑިވިއަންގެ އާ ބޯޓު ގެނެސްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ގައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފި އެވެ.

އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. އެއީ ދިގު ދަތުރުތައް ކުރުމުގެ ގާބިލް ހުރި ބޯޓެކެވެ. އެހެންވެ، ޓްރާންސިޓު ނުކޮށް، ދުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.

އެއާބަސް އޭ 330 ބޯޓާ އެކު، ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ކުރާނެ އެވެ. އެއީ ބެއިންޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.


މިކަން އިފްތިތާހުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ބޯޓު ވީއައިއޭގެ ރަންވޭއަށް ޖެއްސުމުގެ ކުރިން  މޯލްޑިވިއަންގެ އެހެން ބޯޓުތައް ބޭނުންކޮށްގެން އެއާ ޝޯއެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އެ ރަސްމިއްޔާތުގައި އާ ބޯޓު ވީއައިއޭއަށް ޖެއްސުމާ އެކު، ފަޅުވެރިންނަށް މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ގިޔާސް އެވެ.

ފަޅުވެރިންނަށް މަރުހަބާ ވިދާޅުވުމަށް ފަހު ރައީސް މުއިއްޒު ވަނީ ބޯޓަށް އަރާވަޑައިގެން ބޯޓު ބައްލަވާލައިފަ އެވެ.

މޯލްޑިވިއަންއަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދަން ކެބިނެޓުން ނިންމާފައި ވަނީ ޑިސެމްބަރު 2023ގަ އެވެ. މި ބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު