ޚަބަރު
ޕާކިސްތާނުގެ އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސުލް ލޯދި، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.


މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ޕާކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފަ އެވެ. މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާން ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ. މިބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ދިވެހިރާއްޖޭން ފަލަސްޠީނުގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ތަޢުރީފް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު